ހަމަލާ ދިނަސް ގަތަރުން ބުނަނީ ޣައްޒާގެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 8:51
ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލުތައް ހިނގައި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް ވެސް، އެއްބަސްވުން ދެމިއޮންނާނެ ކަމަށް ސުލްހައިގެ މެދުވެރިޔާ ގަތަރުން ބުނެފި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ މައި ޕާޓީތަކުން، ދެ ފަރާތުން ވެސް، ބުނަނީ ހަމަލާ ބަދަލުކުރުން ހުއްޓާލައިގެން ތިބުން ދެމި އޮންނަންވާނެ ކަމަށް އަދި އެއްބަސްވުމަށް އަމަލުކުރަންޖެހޭނެ ކަމަށް،" ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާދީ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. މީގެ ތެރޭގައި އެންމެ މަދުވެގެން ވެސް 35 ކުޑަކުދިން ހިމެނޭ ކަމަށް ވަނީ ކަށަވަރުކުރެވިފަ އެވެ.