ލަންކާއިން "ފްރީ ވިސާ" ދިނުން ގާނޫނީ ސަބަބުތަކާ ހެދި ލަސްވަނީ
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:22
ސްރީ ލަންކާއިން 33 ގައުމެއްގެ މީހުންނަށް ހިލޭ ވިސާ ލިބޭ ގޮތް ހަދަން ނިންމައި އިއުލާނުކޮށްފައި ވިޔަސް ގާނޫނީ ސަބަބުތަކާ ހުރެ އަދި އެކަން ތަންފީޒުކުރެވެން ނެތް ކަމަށް ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހީރަތު ވިދާޅުވެއްޖެ އެވެ.
އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން (އީޓީއޭ) ހިލޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުކުރަން ނިންމައި ލަންކާއިން އެކަން އިއުލާނުކުރީ މިދިޔަ ޖުލައި މަހު އެވެ. އެއީ ޓޫރިސްޓުން އިތުރުކުރުމުގެ މަގްސަދާ އެކު ކުރަން ނިންމި ކަމެއް ނަމަވެސް އެ ނިންމުން އަދިވެސް ތަންފީޒުކުރާކަށް ނުފެށެ އެވެ. އެހެންވެ އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ލަންކާއަށް ދާއިރު ވިސާ ފީ ދައްކަން ޖެހެ އެވެ.
"އާ ގެޒެޓް ނޮޓިފިކޭޝަން މަޖިލީހަށް ހުށަހަޅަން ޖެހޭ،" އަންގާރަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމަކަށް ފަހު މިނިސްޓަރު ހީރަތު ވިދާޅުވި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.