ހުޅުލެއަށް އަރަން އިންޑިއާ ސިފައިންނަށް ބެލުނީ ގަމު ޗާޓު!
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 7:56
ފުރަތަމަ ޕްލޭންކުރީ ޕެރަޝޫޓްގައި ސީދާ މާލެއަށް ފައިބަން. އެކަމަކު އެއީ ކުރެވޭ ވަރު ކަމެއްގެ ގޮތުގައި ނުފެނުމުން ފަހު ވަގުތު ހުރިހާ ޕްލޭނެއް ބަދަލުކުރި.
އެހީއަށް އެދި އައި އެ ކޯލުން ކަމުގެ ސީރިއަސްކަން ސާފެވެ. ނޮވެމްބަރު 3، 1988 ގެ ފަތިހު، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އަމާންކަމުގެ ހިމޭން ޖައްވު ފޫވައްޓާލީ ބަޑީގެ އަޑުންނެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުނިޔޭގެ އެކި ބާރުތަކަށް އެހީއަށް އެދިވަޑައިގެން ގުޅުއްވަމުން ގެންދެވި އެވެ. ކުލީ ހަނގުރާމަވެރިންގެ ބަޔަކު މާލެއަށް އަރައި އެކި އިދާރާތައް ހިފައި ރައީސް ހޯދަން ހަތިޔާރާ އެކު ކޮޅުކޮޅަށް ދުވަނީ އެވެ.
މައުމޫން ގުޅުއްވި ގިނަ ގައުމުތަކުން އެހީތެރިވާން ތައްޔާރަށް ތިބި ނަމަވެސް "ލޮޖިސްޓިކަލީ" އެއީ ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ. އެކަމަކު އިންޑިއާ، އެ ގައުމުގެ ކުޑަކުޑަ އަވަށްޓެރިޔާ އަށް އެހީވެވޭހާ ގާތުގައި އޮތުމާ އެކު، މައުމޫންގެ ފޯން ކޯލުގެ ނަތީޖާއަކީ "އޮޕަރޭޝަން ކެކްޓަސް" ފެށުމެވެ. އެކަމަކު، މިޝަނަށް ބޭނުންވާ ޖާސޫސީ މައުލޫމާތެއް، ޗާޓެއް އަދި އެކަށީގެންވާ ވަގުތެއް ވެސް ނެތެވެ.