ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން ބާތިލްކޮށް، އެކަން މީޑިއާ ކޮމިޝަނާ ހަވާލުކޮށްފި
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:31
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްލަހަތު އޮންނަ ދަ ޕްރެސްއަށް 1.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވެ އެވެ.