އަންނަ އަހަރުގެ އާމްދަނީގެ ސިޔާސަތަށް ބަދަލެއް ނެތް
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:16
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް އާ ކަންކަން ނުހިމަނާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާމްދަނީގެ ބޮޑު ބައެއް ހޯދަނީ ކުރިން ކަނޑައަޅާފައިވާ ޓެކްސް ސިޔާސަތުތަކުން ކަމަށެވެ. އަދި އިތުރު އެއްވެސް ބަދަލެއް އެ ކަމަށް ގެންނަން ކަނޑައަޅާފައި ނެތް ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ޓެކްސް ތަންފީޒު ކުރުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ރާވާފައިވާ ކަން ފާހަގަކުރެއްވި އެވެ.
އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް އާމްދަނީ އިތުރު ކުރުމައްޓަކައި ގިނަ ކަންކަން ބަޖެޓުގައި ހިމަނަ އެވެ. މިދިޔަ އަހަރު ވެސް ވަނީ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބައެއް ޓެކްސްތައް ބޮޑުކުރަން ކަނޑައަޅާފަ އެވެ. އެކަމަކު މިއަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ނިންމާފައިވަނީ ކުރީގެ އާމްދަނީ ސިޔާސަތުތަކުގެ ތެރެއިންނެވެ.