ކަސްޓަމްސް އިން މަހުމޫދު ރިޔާޒު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:43
ކަސްޓަމްސްގެ ކޮރަޕްޝަންގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި އިއްޔެ މަގާމުން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒާ ގުޅޭ މައްސަލަ އަލުން ބަލައިދޭން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރެއްވި މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރުކަމުން ވަކިކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުއްވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އަށް ނޭނގި ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ފޮނުވި ރިޕޯޓްގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް ކަމަށެވެ.
މަހުމޫދު ރިޔާޒު އެ ތުހުމަތުތައް ދޮގު ކުރައްވާފައި ވަނިކޮށް، އޭނާގެ ނިސްބަތްވާ ދާއިރާގެ މެމްބަރު ކުޑޫ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 2017 ގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލައިގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ވަކިކުރި މަހުމޫދު ރިޔާޒަކީ އިހްލާސްތެރިކަމާ އެކު ކަސްޓަމްސްގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.