ޔާމީން ވިދާޅުވީ ދައުވާތަކުން ސަލާމަތްވެ، ވޯޓު ކަރުދާޙުގައި ނަން ވެސް އޮންނާނެ ކަމަށް
މިހާރު
31 އޮކްޓޯބަރު 2025 | ހުކުރު | 7:19
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓުވަން "ސިޔާސީ ދައުވާތަކެއް" ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އުފައްދަން އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާތަކުގެ ސަބަބުން، ދެން އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނަން ނޯންނާނެ ކަމަށް ސަރުކާރުގެ ތެރެއިން އެކި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑަށް ވަރަށް ޝުއާ އަޅުގަނޑުގެ ކޭސް އާ ދޭތެރޭގަ... ހަމަ ކަށަވަރުކަން [ސަރުކާރަށް ތާއީދުކުރާ އެކި ފަރާތްތަކުން] ދެމުން އެ އަންނަނީ، ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައެއް ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީ،" ޔާމީން ވިދާޅުވި އެވެ.