ބަޖެޓް 2026: ބިން ހިއްކުމާއި އިމާރާތްކުރުމަށް 3.8 ބިލިއަން ރުފިޔާ
މިހާރު
31 އޮކްޓޯބަރު 2025 | ހުކުރު | 1:41
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ ތެރެއިން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވަނީ 9.3 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބިން ހިއްކުމާއި އިމާރާތް ކުރުމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ އާންމު ބޭނުންތަކަށް އަޅާ އިމާރަތްތަކަށެވެ. އެފަދަ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. މީހުން ދިރިއުޅެން އަޅާ އިމާރާތްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. އެ ބަޖެޓުން ދެން ހޭދަކުރަނީ ބިން ހިއްކައި ބިން ގަތުމަށެވެ. އެފަދަ މަޝްރޫއުތަކަށް 277 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.