މެސީ އާއި ރޮނާލްޑޯގެ ފެންވަރަށް ހާލަންޑް ވާސިލުވެއްޖެ: ގާޑިއޯލާ
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 6:57
ލަނޑުޖެހުމުގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްފެންވަރަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް މިހާރު ވާސިލުވެއްޖެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ލަނޑު ލިސްޓްގައި ހާލަންޑް ކުރީގައި ދަމަހައްޓަމުން ދަނީ 11 ގޯލާ އެކު އެވެ. ފަހައްތުން ވިއްދަން ތިބި ހަތަރު ކުޅުންތެރިންނަށް ވުރެ އިތުރަށް ފަސް ގޯލް ނޯވޭގެ ފޯވާޑް ވަނީ ޖަހައިފަ އެވެ. ސިޓީގައި 100 ލަނޑު ހަމަކުރަން އޭނާ އަށް ބޭނުންވަނީ ދެ ލަނޑެވެ.
މިދިޔަ ސީޒަނުގައި ދަށްކޮށް ދިޔަ ކްލަބް މި ސީޒަނުގައި ފޯމުގައި ދެމެހެއްޓުމުގައި އޮތީ ހާލަންޑްގެ މަސައްކަތެވެ. މުޅި ޓީމު އޭނާގެ ކޮނޑުގައި ޖަހައިގެން އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ލީގުގައި އެއް ލަނޑަށް ވުރެ އިތުރަށް ގޯލް ޖެހުނު އިތުރު ކުޅުންތެރިޔެއް ސިޓީގެ ސްކޮޑްގައި އޭނާ ނޫނީ ނެތެވެ.