ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި ޒުވާނާ ވެސް ނިޔާވެއްޖެ
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 8:15
އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ދިވެހި ޒުވާނާ ވެސް ރޭ ނިޔާވެއްޖެ އެވެ.
އިއްޔެގެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
އެމްޕީއެލްގެ ކޮޅުވެއްޓީގައި މަސައްކަތްކުރާ އަފްލާހުގެ އާއިލާގެ މީހަކު މިއަދު ބުނީ، އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި" ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔަ އިރުން ފެށިގެން އޮޕަރޭޝަން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.