ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ހުޅުވައިފި
މިހާރު
3 ނޮވެމްބަރު 2025 | ހޯމަ | 11:13
މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ދިވެހިންގެ ބަޔަކު އިސްވެ، ސްރީ ލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.
ޓެރަރިސްޓުން ސިފައިންގެ މައި މަރުކަޒަށް އެންމެ ފުރަތަމަ ހަމަލަދިން ވަގުތު، މައި ގޭޓުން ވަރުގަދަ ހަމަލާތަކެއް ރައްދުގައި ދީ، އެތެރޭގައި ތިބި ސިފައިން ތައްޔާރުވާން މެދުވެރިވި ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރީ އޭނާގެ މަތިވެރި ގުރުބާނީ އާއި ހުރި ހިތްވަރުގެ ހަނދާން އާކުރަން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާގައި، ޝަހީދު ހުސައިން އާދަމް ގެހަނދާނީ ބިނާ ރަސްމީކޮށް އިފްތިތާހުކުރަން ކުޅުދުއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފެވެ.