ހުޅުދު އާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، އެ ދެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ރައީސް ނިންމަވައިފި
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 7:45
އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައިފި އެވެ.
އެކަން އެ މަނިކުފާނު ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުން ދެއްކި ގޮތުން، ހުޅުދޫން ވޯޓުލީ މީހުންގެ 1،069 މީހުންގެ ތެރެއިން 723 މީހުން ވޯޓު ދިނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ހުޅުދޫން ވޯޓު ދިނީ 329 މީހުންނެވެ.