ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ ދާއޫދު ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި!
މިހާރު
4 ނޮވެމްބަރު 2025 | އަންގާރަ | 9:02
ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ ކަމާ ގުޅޭ މައްސަލަތައް ބަލަމުން އަންނާތީ އޭނާ ވަނީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، މި ވަގުތު ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓް ކުރާ ގޮތަށް ހަމަޖައްސާފައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
"މިހާރު" އިން މިއަދު ހެނދުނު ކުރި ސުވާލުތަކަކާ ގުޅިގެން ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަސްއޫލިއްޔަތުން ދާއޫދު މި މަހުގެ 1 އިން ފެށިގެން "ވީއްލައި" ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ރިޕޯޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ތާރީހުން ފެށިގެން ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަން ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.