ކޮޅުވެއްޓިތައް ފުށުން ޖެހެނީ؛ ގޯސްވީ ކޮން ކަމެއް؟
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 9:45
ވަޖީހާއި ސެންކޯ ޝަރީފް ވެސް ކަންބޮޑުވުމާ އެކު ފާހަގަކުރެއްވީ ތިން ކޮޅުވެއްޓި ބަންޑުންޖަހާލައި މީހުންތަކެއް މަރުވިއިރު ސީރިއަސްކަން ނުފެނުނު މައްސަލަ
މާލޭ ކޮމާޝަލް ހާބަރުގައި ބޯޓުތަކުން މުދާ ބާލާ މަންޒަރު އެކަކަށް ވެސް އާ ވެގެންނެއް ނޫޅޭނެ އެވެ. އެކަމަކު މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓިއަކަށް ބޯޓަކުން އެކްސްކަވޭޓަރުތަކެއް ބާލާތަން ފެނުމުން އެ މަންޒަރު ވީޑިއޯކުރި މީހުން އެކަން ކުރީ އާދަޔާ ހިލާފު ކަމެއް އިހުސާސް ވެގެން ކަމަށް ބެލެވެ އެވެ.
ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ބާއްވާފައި އޮތް އިރު، ފެންނަނީ އެ ފުރިފައި އޮތް ތަނެވެ. އެތައް ބަޔަކު އޭގައި ތިބި އިރު އުޅަނދު ބެލެންސް ކުރަން އެކަކު އެރީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރަށެވެ. އޭނާ އެ އަށް އަރައި ބެލެންސް ކުރަން ހިފާލުމާ އެކު ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި ދިވެއްސަކާއި ބިދޭސީއެއްގެ ފުރާނަ ގެއްލުނީ އެވެ.