ހުޅުދު އާއި މީދު އިދާރީ ގޮތުން ވަކިކުރުމަކީ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ފެށުން: ރައީސް
މިހާރު
5 ނޮވެމްބަރު 2025 | ބުދަ | 2:21
އައްޑޫ ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ މި ދެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުއްމީދުކުރަމުން އަންނަ ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އައްޑުއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހުޅުދު އާއި މީދުއަށެވެ. މި ދެ ރަށުގެ ރައްޔިތުން ވަނީ އެކުގައި، މި ރަށުގެ ބަނދަރުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން މި ދެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ "ދެރަ ނިކަމެތިކަމަށް" ނިމުމެއް ގެނެސްދިނީ ރައްޔިތުން އެކަމަށް އެދުމުން ކަމަށެވެ. ފެންނަ/ނުފެންނަ ވޯޓެއް ނަގައި، މި ދެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް އެ ބަދަލު ގެނެސްދެވުމުން އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.