ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދިވަޑައިގެންފި
މިހާރު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 11:02
ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިއްޔެ އެދިވަޑައިގެންފި އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ރާއްޖެއިން ނުލިބޭ ބޭސް، އެސްޓީއޯ ބޭސް ފިހާރަ މެދުވެރިކޮށް ގެނެސް ދިނުން މި ފަހަކަށް އައިސް މަޑުޖެހި، ކޮންމެހެން ގެންނަން ޖެހޭ ހާއްސަ ގޮތެއްގައި ދިގުމުއްދަތަށް ހޯދަންޖެހޭ ބޭސް ލިބުމުގައި ގިނަ ދުވަސް ހޭދަވާކަމުގެ ޝަކުވާ އެތައް ބަޔަކު ކުރަމުންދާ ކަމަށެވެ.
އޭގެ ތެރެއިން، މިދިޔަ މެއި މަހު، އާއްމު ފަރާތަކުން ގެންނަން އެދުނު އިންޖެކްޝަން، މިއަދާ ހަމައަށް ހަ މަސް ދުވަސް ވީއިރު ވެސް ނުލިބޭތީ އާއްމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ސިޓީގައި ކުޑޫ ވިދާޅުވި އެވެ. އަދި އެ އިންޖެކްޝަން ގެނެސް ދެވޭނެ ދުވަހެއް ބަލަން ކުރި މަސައްކަތުން މިއަދާ ހަމައަށް ވެސް އޭނާއަށް ޖަވާބެއް ނުލިބޭ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.