ރިއަލްއެސްޓޭޓް ވިޔަފާރީގެ ފައިސާ ރާއްޖޭން ބޭރުވުން ހުއްޓުވަން ދިވެހި ކުންފުނިތަކަށް އިސްކަންދޭން އަންގައިފި

މިހާރު

6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:05

ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަަނީގެ ބޮޑުބައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖޭން ބޭރަށް ގެންދަނީ ބޭރުގެ ކުންފުނިތަކުން ކަމަށާއި އެކަން ބަދަލުކުރަން ސަރުކާރުން ހާއްސަ އުސޫލަކަށް އަމަލުކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ތަަރައްގީއާ ގުޅުން ހުރި 206 މަޝްރޫއުއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބޮޑު ހިއްސާއެއް ބޭރުގެ ކުންފުނިތަކަށް ފުރޮޅިފައިވާ ކަމަށެވެ. އެ ކުންފުނިތަކުން ރާއްޖޭގައި ބޮޑެތި މަަޝްރޫއުތައް ހިންގަނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމު މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓްގެ ބޮޑު ހިއްސާއެއް މި އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް، ދިވެހިންނަށް ރިއަލްއެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ދިވެހިރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ބޭރުކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް