"ހައްގު" ނުހިފެހެއްޓި، އިއްޔެ ޕްރިމިއާކޮށްފި
މިހާރު
7 ނޮވެމްބަރު 2025 | ހުކުރު | 11:37
ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ފިލްމު "ހައްގު"ގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން ހައި ކޯޓުގައި އެދުނު މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބުތަކުގެ ތެރޭގައި ބުނެފައި ވަނީ މީހަކު އޭނާގެ އުމުރުގައި ހޯދާފައިވާ ޕްރައިވެސީ ނުވަތަ އަބުރު އޭނާ މަރުވުމާ އެކު ނިމިގެންދާނެ ކަމަށެވެ. އަދި އެއީ ތަރިކަ މުދަލެއް ފަދައިން ވާރުތަ ކުރެވޭނެ އެއްޗެއް ނޫން ކަމަށް އެ ކޯޓުން ބުންޏެވެ.
ފިލްމު "ހައްގު" ގެނެސްދޭން ޕްރޮޑަކްޝަނުން އެއީ އަސްލު ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ފިލްމީ ބަދަލުތަކާ އެކު ހިޔާލީ ވާހަކައެއްގެ މައްޗަށް ގެނެސްދޭ ފިލްމެއް ކަމަށް ބަޔާންކޮށްފައި ވާތީ ވެސް އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ބުންޏެވެ.