މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން 241 ކޮމިޓީން ރައީސް މުއިއްޒަށް ލަފާއަރުވައިފި
މިހާރު
8 ނޮވެމްބަރު 2025 | ހޮނިހިރު | 10:47
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގަ އެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެ އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.