ކޮމިޓީގެ ލަފައާ އެކު މަހުމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 12:45
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމާ ގުޅިގެން އޭނާގެ ވަޒީފާ މިރޭ އިޔާދަކޮށްފި އެވެ.
އެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
ހީނާ ވިދާޅުވީ، މަހުމޫދު ރިޔާޒާ ގުޅޭ މައްސަލަތައް 241 ކޮމިޓީން އިތުރަށް ތަހުގީގު ކުރިއިރު، އެ މައްސަލަތަކުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޓީން ނިންމައި، ވަޒީފާ އިޔާދަ ކޮށްދިނުމަށް ކޮމިޓީން ރައީސަށް އަރުވާފައިވާ ލަފައާ އެއްގޮތަށް ވަޒީފާ މިރޭ އިޔާދަ ކުރައްވާފައިވާ ކަމަށެވެ.