ބީއެމްއެލް އިން މި އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 11:37
ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް އެެ ބޭންކުން މިއަދު ބުނެފި އެވެ.
ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއަށް އެ ބޭންކުން ފައިނޭންސް ކުރަނީ ބޭންކިން އުސޫލާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތަށް ރައްދުދީ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓެމެންޓެއް ކުރާ ބޭންކެއް ކަމަށެވެ. މި މަގްސަދު ހާސިލްކުރުމުގައި ބޭންކުން އަމަލުކުރަނީ ބޭންކްގެ ޑިޕޮޒިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމްކޮށްފައިވާ ގަވަނެންސް އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ،" ބީއެމްއެލް އިން ބުންޏެވެ.