ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނެރުމަށް އެސްޑީއެފްސީއިން ދޭ ލޯނަށް ހުޅުވާލައިފި

މިހާރު

9 ނޮވެމްބަރު 2025 | އާދިއްތަ | 4:21

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލާފައިވާ އާ ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެ ސްކީމަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިގުތިސޯދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން އަލަށް ވިޔަފާރި ފެށުމަށާއި އެކި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި ފުޅާ ކުރުމަށް އެސްޑީއެފްސީއިން ފައިނޭންސިން ފޯރުކޮށް ދޭނެ އެވެ.

އެ ސްކީމްގެ ދަށުން ޝަރީއާ އުސޫލުތަކުގެ ތެރެއިން 25,000ރ. އިން ފެށިގެން 250,000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. އެ ލޯނު ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަތް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ރަހުނަކާ ނުލާ ދޫކުރާ އެ ލޯނުގެ ފައިދާ ރޭޓަކީ އަހަރަކު 9.5 ޕަސެންޓެވެ.

މައުޟޫޢުތަށް