ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓު، ސްޕީޑް އަވަސްކުރީ މި ސަރުކާރުން: ޝަރީފް
މިހާރު
9 ނޮވެމްބަރު 2025 | އާދިއްތަ | 11:47
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި މިހާތަނަށް ނިމުނީ 72 ޕަސެންޓް ކަމަށް ވިޔަސް މި ސަރުކާރުން އެ މަޝްރޫއުގެ ސްޕީޑު އަވަސްކުރި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް، އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގައި ޝަރީފް ސިފަކުރެއްވި ގޮތުގައި، އެ އެއާޕޯޓުގެ ހިންގުން މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކުރުމަކީ "އުތުރުގެ ތަރައްގީގެ ތަޅުގަނޑި" ހަވާލުކުރުން ފަދަ ކަމެއް ކަމަށެވެ. "އަޖައިބެއް ފަދަ" އެ އެއާޕޯޓާ އެކު ލިބޭ އިގުތިސާދީ ފައިދާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޖަވާހިރުން އަޅުގަނޑުމެން ބިނާކުރާނީ މާ އުފާވެރި މުސްތަގުބަލެއް. މާ އުފާވެރި ބޮޑު ތިލަދުންމައްޗެއް،" އޭނާ ވިދާޅުވި އެވެ.