އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ތަރައްގީކުރެވޭ އިސްލާހު ތަސްދީގުކޮށްފި

މިހާރު

10 ނޮވެމްބަރު 2025 | ހޯމަ | 10:16

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހަޅައި މަޖިލީހުން މިދިޔަ ބުދަދުވަހު ފާސްކުރި ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލަށް މާބޮޑު ބަދަލެއް ނުގެނެސް، ބުދަދުވަހުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން އެވަގުތު ތަޅުމުގައި ތިއްބެވި 10 މެންބަރުންނެވެ.

އެ ބިލުން އެސްއީޒެޑް ގާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކަށް ގެނައި ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ.

މައުޟޫޢުތަށް