ލަންކާގެ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު: ފުލުހުން
މިހާރު
10 ނޮވެމްބަރު 2025 | ހޯމަ | 11:20
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓުން 350 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ދިވެހި ފުލުހުން މިރޭ ޔަގީންކޮށްދީފި އެވެ.
ރާއްޖޭގެ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ހޯދައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް ހުރި ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ރިޕޯޓު ކޮށްފައި ވިޔަސް، ރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ނަމަވެސް، ދިވެހި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށް ބުނެފަ އެވެ.