"މޯލްޑިވްސް 2.0"އަކީ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލަން ކުރާ އެންމެ ބޮޑު މަސައްކަތް: ރައީސް
މިހާރު
11 ނޮވެމްބަރު 2025 | އަންގާރަ | 2:02
ދައުލަތުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރަން ސަރުކާރުން މި އަހަރު ތައާރަފުކޮށްފައިވާ "މޯލްޑިވްސް 2.0"ގެ ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލަން ކުރާނެ އެންމެ ބޮޑު މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި، 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވެސް ވާތީ، އެ މަގުސަދު ހާސިލްކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް ނޭދެވޭ ސިފައެއް ނަމަވެސް، ތަފާތަކީ ކޮރަޕްޝަން ނައްތާލަން އެ ގައުމަކުން ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.