އަދުހަމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 5:11
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.
އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.