ޑްރަގް ވިޔަފާރި ދެނެއް ނުކުރެވޭނެ، ރާއްޖޭގައި އުޅެން އުނދަގޫކުރާނަން: އިހުސާން
މިހާރު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:59
މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން މުޅި ރާއްޖޭގައި އެއްވަގުތެއްގައި ފުލުހުން ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަނާ ބެހޭ ގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.