ކަނޑުމަގުން ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
މިހާރު
14 ނޮވެމްބަރު 2025 | ހުކުރު | 9:02
ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރާއްޖެ އަށް ޑްރަގު އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނަކާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނަކާއި މާލެ އިން ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެެވެ.