ފެން ރައްކާތެރިކަމަށް ބުންޏަސް ފުވައްމުލަކުގެ ބައެއް ގޭގެއަށް "ކިލާ" ފެން
މިހާރު
15 ނޮވެމްބަރު 2025 | ހޮނިހިރު | 9:10
ފުވައްމުލަކުގައި ދޫކުރާ ސަޕްލައި ފެން ރައްކާތެރިކަމަށް ބުންޏަސް، ބައެއް ގޭގެއަށް ލިބެނީ "ކިލާ" ފެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު އިއްޔެ ފެން ދޫކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ފެން ބޭނުންކުރުން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ފުވައްމުލަކުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ އެކި ހިސާބުތަކަށް ލިބޭ ފެނުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ބައެއް އަވަށްތަކުން ފެން ކިލާ ވެގެން ގޮސް، ހުދު ކުލައިގެ ފެން އަންނަ ކަމަށް އޭނާ ބުންޏެވެ.