ސައޫދީގެ ކިބައިން ޓްރަމްޕު އެދޭނެ ކަމަށް ބެލެވެނީ އިޒްރޭލާ ގުޅުން ގާއިމްކުރަން
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 7:02
ސައޫދީގެ ވެރިކަމުގެ ބާރުތަކާ ހަވާލުވެ ވަޑައިގެން ހުންނެވި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މި ހަފްތާގައި އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަން ހަމަޖެހިފައި ވާއިރު ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރުމަށް ޓްރަމްޕު އެދިވަޑައިގަންނަވާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެފި އެވެ.
އެމެރިކާއަށް ވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުން މުހައްމަދު ކުރައްވާ މި ދަތުރުގައި އެމެރިކާގެ ކިބައިން އެދިވަޑައިގަންނަވާނީ ސަލާމަތީ ގޮތުން ސައޫދީއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގި ގަތުލްއާންމާއި މިހާރު ވެސް އަމަލުކުރަމުންދާ ލާއިންސާނީ ގޮތުގެ ސަބަބުން މިއީ އިޒްރޭލާ އެކު ސައޫދީން ގުޅުން ބަދަހިކުރުމަށް އެއްބަސްވާނެ ވަގުތެއް ކަމަކަށް ތަޖުރިބާކާރުން ނުދެ އެވެ. އަނެއްކޮޅުން މިދިޔަ ސެޕްޓެމްބަރު މަހު ގަތަރަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ސައޫދީން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ދޭ އިސްކަން ވަނީ ކުރިއަށްވުރެ ބޮޑުކޮށްފަ އެވެ.