އެޕްސްޓީންގެ "އެކުވެރި ރައީސަކީ" ވަހީދުކަން ހާމަވެއްޖެ
މިހާރު
15 ނޮވެމްބަރު 2025 | ހޮނިހިރު | 10:19
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ރާއްޖޭގެ ކުރީގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ކަމާއި އެ މަނިކުފާނު އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބާއްވަވާފައިކަން ހާމަވެއްޖެ އެވެ.
ހެކަރުންގެ ބަޔަކު ކުރިން ވެސް ލީކު ކޮށްލާފައިވާ އީމެއިލް މުއާމަލާތުގައި ޝާމިލުވާ ރާއްޖޭގެ ކުރީގެ ރައީސަކީ ވަހީދުކަން ހާމަވީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" ނަމަކަށް ކިޔާ ކޮމިޓީން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި، އީމެއިލް އެޑްރެސްތަކާ އެކު އެ މައުލޫމާތު ހާމަވުމުންނެވެ.
އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.