ޖަލު ހެދުން ލާން ބައްސާމް ދެކޮޅު ހެދުމުން ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 12:23
ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ލާން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެކޮޅު ހެދުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ނުފެށި ދިގުލައިގެންދިޔަ އެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހެދުމުންނެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.