ނޯވޭ ވޯލްޑް ކަޕަށް، އިޓަލީ ޕްލޭއޮފަށް
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 9:15
އިޓަލީ އަތުން 4-1 އިން މޮޅުވެ ނޯވޭ އިން 1998 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދިއިރު، އިޓަލީ އަނެއްކާ ވެސް ޕްލޭއޮފުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ވޯލްޑް ކަޕުން ނޯވޭ ފުރުސަތު ހޯދީ ޔުއެފާ ކޮލިފައިންގެ ގްރޫޕް އައި ގެ އެއް ވަނަ މަގާމް ހޯދައިގެންނެވެ. އެ ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 24 ޕޮއިންޓް ހަމަކޮށްފަ އެވެ. އިޓަލީ ޕްލޭއޮފުގައި ވާދަކުރަން ޖެހުނީ ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ. އިޓަލީ އަށް ލިބުނީ 18 ޕޮއިންޓެވެ. ބަލިވީ ނޯވޭއާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެެވެ. ރޭ އިޓަލީ މޮޅުވި ނަމަ ޕޮއިންޓުގެ ގޮތުން ދެ ޕޮއިންޓް އެއްވަރުވީހެވެ. އެކަމަކު ލަނޑުގެ ފަރަގު ބޮޑުވުމުން އެ ހާލަތުގައި ވެސް އެއް ވަނަ ލިބުމުގެ ފުރުސަތު ބޮޑުކޮށް އޮތީ ނޯވޭ އަށެވެ.
ވޯލްޑް ކަޕަށް ނޯވޭ ކޮލިފައިކޮށްދިނުމުގެ އެންމެ ބޮޑު ހިއްސާދާރަކީ، އާލިން ހާލަންޑެވެ. އޭނާ ވަނީ ކޮލިފައިންގައި 16 ލަނޑު ޖަހައިދީފަ އެވެ. ރޭގެ މެޗުގައި ވެސް ދެ ގޯލު ޖެހި އެވެ.