އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެ، ތިބެންޖެހޭނީ ތައްޔާރަށް: އަޒީމާ
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 12:31
މާލީ ގޮތުން ކުރިމަތިވާ "ތޫފާނެއް" ހަމަ ކޮންމެ ހިނދަކު ވެސް އަތުވެދާނެ ކަމަށާއި އެކަމަށް މަރުކަޒީ ބޭންކުން ތައްޔާރުވެ ތިބެންޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީބޭންކް (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025" ގައި ތަގުރީރުކުރައްވަމުން އަޒީމާ ވިދާޅުވީ އާއްމު ގޮތެއްގައި، ތޫފާނު އަންނާނީ އެންމެ ހީނުކުރާ ވަގުތު ކަމަށާއި ބައެއް ފަހަރު އެއީ ނިދާފައި ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި، "ޝޮކެއް ނުވަތަ ތޫފާނެއް" އަތުވެދާނެތޯ މީހުން ސުވާލު ނުއުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ތޫފާންތައް] ބައެއް ފަހަރު އަންނަނީ އަޅުގަނޑުމެން ނިދާފައި ތިއްބާ. އަޅުގަނޑުމެންގެ ކޭޝްފްލޯ ހީނަރުވެފައިވާ ވަގުތެއްގައި، ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތަކާ އެކު އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުބަލިވެފައިވާ ވަގުތެއްގައި،" އަޒީމާ ވިދާޅުވި އެވެ.