ބިޑްނުކޮށް ޕްރޮޖެކްޓުތައް ހަވާލުކުރުމުން އެމްޑީޕީން ޕީޖީއަށް
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 5:18
ބިޑު ކުރުމެއް ނެތި ސަރުކާރުން 2.7 ބިލިއަން ރުފި ރުފިޔާގެ ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރި މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އެމްޑީޕީން އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނީ، ހާމަ ކަމެއް ނެތި އަދި ވާދަވެރި ބީލަމަށް ނުގޮސް ކެބިނެޓުން ބޭނުންވާ ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ދިނުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމުގެ އަމަލުތަކެއް ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ އެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ ޕީޖީއަށް ހުށަހެޅިއިރު، އެ ޕާޓީން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެ ޕާޓީން އެ ކޮމިޝަންގައި އޭރު އެދުނީ ލިބިދާނެ ގެއްލުމަކުން ދައުލަތް ސަލާމަތް ކުރުމަށާއި ކޮރަޕްޝަންގެ އެ އަމަލުތައް އަވަހަށް ހުއްޓުވަން ލިބޭ ގާނޫނީ ބާރުގެ ދަށުން އެ އެގްރީމަންޓްތަކަށް އަމަލުކުރުން ފަސްކުރަން އޭސީސީގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.