ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް، އެކަން ހުއްޓާލައިފި: ރައީސް
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 12:17
ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފަށާފައިވާއިރު އޭގެ ދަށުން މިހާތަނަށް އެއްވެސް ގޭންގެއް ކަނޑައަޅާފައެއް ނުވެ އެވެ.
ގާނޫނުގައިވާ ގޮތުން ވަކި ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހޯމް މިނިސްޓަރަށް ކޯޓަށް ދެވޭނެ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނީ ކޮން ބާވަތެއްގެ ބައެއް ކަން ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.