ޒުވާން އައްސާންގެ ގޯލާ އެކު ޖަރުމަން ވޯލްޑް ކަޕަށް
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 12:02
އުމުރުން 19 އަހަރުގެ މިޑްފީލްޑަރު އައްސާން ވަޑްރާގޯ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އޭނާގެ ގޯލަކާ އެކު 6-0 އިން ސްލޮވާކިއާ ބަލިކޮށް ޖަރުމަން، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.
އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައްސާން ވަޑްރާގޯ އަށް ކޯޗު ހޫލިއަން ނާގެލްސްމަން، ސީނިއާ ގައުމީ ޓީމުން ފުރުސަތު ދިނީ މެއިންޒް އަށް ކުޅޭ އެ ގައުމުގެ އަފްޣާން ނަސްލުގެ މިޑްފީލްޑަރު ނަދީމް އަމީރީއަށް އަނިޔާވުމުންނެވެ. ގަލަތަސަރާއީއަށް ކުޅޭ ލީރޮއި ސާނޭގެ އެހީތެރިކަމާ އެކު 79 ވަނަ މިނިޓުގައި އޭނާ ގޯލު ޖެހީ، ފްލޯރިއެން ވިއެޓްޒްގެ ބަދަލުގައި ކުޅެން ނުކުތްތާ އެންމެ 102 ސިކުންތު ތެރޭގަ އެވެ.
ރޭގެ މެޗުގައި އައްސާން ވަޑްރާގޯގެ އިތުރުން ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ނިކް ވޯލްޓްމޭޑް އާއި ބެޔާން މިއުނިކްގެ ސާޖް ގްނަބްރީގެ އިތުރުން ސާނޭ އާއި ލައިޕްޒިގުގެ ފުލްބެކް ރިޑުލް ބަކޫ އެވެ. ސާނޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ.