ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ، ފޮށީގެ ވެރިޔާއަށް 2،900ރ.
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 11:02
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުން ހޯދަމުން އަންނަ ކަަމަށެވެ. އެ އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ މީހުން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.