ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްވުމުން އިޒްރޭލު އުފަލުން، ހަމާސް ދެކޮޅަށް
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 6:36
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި ތަންފީޒުކުރަން ފެށި ޕްލޭނަށް ރަސްމީ ހައިސިއްޔަތެއް ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވުމުން އެކަމަށް އިޒްރޭލުން މަރުހަބާ ކިޔައިފި އެވެ.
މިއީ އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި އޭގެ ފަހުން އެތަނުގައި ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުމާއި ކުރިމަގުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ބެހޭ ވާހަކަތައް ވެސް ހިމެނޭ ގަރާރެކެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާ އެކު ގަރާރު ފާސްކުރި އިރު ވީޓޯގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ގައުމުތަކުން ވޯޓު ނުދިން ނަމަވެސް ވީޓީގެ ބާރު ބޭނުމެއް ނުކުރެ އެވެ.