ރޯބްލޮކްސްގައި ކުޑަކުދިންނަށް ޗެޓް ނުކުރެވޭ ގޮތް ހަދަނީ
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 1:41
ގޭމިންގައި ވަރުގަދަ ރޯބްލޮކްސް އިން، ފޭޝަލް ރިކޮގްނިޝަން ނުވަތަ އައިޑީ ޗެކްކުރުމަށް ފަހުގައި ނޫނީ ޕްލޭޔަރުންނަށް ޗެޓް ފީޗާ ނުލިބޭ ގޮތް އަންނަ މަހުން ފެށިގެން ހަދާނެ ކަމަށް ބުނެފި އެވެ.
މިއީ ނުވަ އަހަރުން ދަށުގެ ކުދިން، ބެލެނިވެރިންގެ ރުހުމާ ނުލައި ޗެޓް ކުރުން ހުއްޓުވައި، ބޮޑެތި މީހުންނާއި ކުޑަކުދިންނާ ދެމެދު އޮންލައިން މުއާމަލާތްތައް މަދުކުރުމުގެ ބޭނުމުގައި އަޅާ ފިޔަވަޅެކެވެ. އަދި އެކި އުމުރުފުރާތަކަށް އެކި ފީޗާތައް ހާއްސަކުރުމާ އެކު ނުވަ އަހަރުން ދަށާއި 21 އަހަރުން ދަށާ ދެމެދުގެ ހަ އުމުރުފުރައެއް ކަނޑަަޅާނެ އެވެ.
ޗެޓްކުރާ ނަމަ އުމުރު ކަށަވަރުކޮށްދިނުމުގެ ފީޗާ އަންނަ ޑިސެމްބަރު މަހުން ފެށިގެން ފުރަތަމަ ދޭނީ އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި ނެދަލެންޑްސްގަ އެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން މުޅި ދުނިޔެއަށް މި ފީޗާ ދޫކުރާނެ އެވެ.