މާލޭގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ހުޅުވައިފި
މިހާރު
19 ނޮވެމްބަރު 2025 | ބުދަ | 8:07
ސިއްހީ ހިދުމަތް ހޯދުމުގައި ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވާން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މާލޭގައި ގާއިމްކުރާ ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
އެސްޓީއޯގެ ހެޑް އޮފީސް ކައިރީގައި "މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު"ގެ ނަމުގައި ގާއިމްކުރި އެ ސެންޓަރު މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ސެންޓަރުން މައިގަނޑު ތިން ހިދުމަތެއް ދޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ދޭނެ ހިދުމަތަކީ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކް (ޖީޕީ ކްލިނިކް) ގެ ހިދުމަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކްލިނިކަށް ދައްކާ މީހުންގެ ސިއްހީ ހާލަތު ދެނެގަނެ އިތުރު ފަރުވާ ބޭނުންވާ ހާލަތުގައި އެކަމަކާ ގުޅޭ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފަސޭހަ އިންތިޒާމު އެ ކްލިނިކްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.