މީޓަރު ތައާރަފްނުކޮށް ކާރު އިތުރުކުރިޔަސް ޓެކްސީ މައްސަލަ ހަލެއް ނުވާނެ: ޑްރައިވަރުން
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:42
ޓެކްސީތަކުން އަގު ނެގުމުގައި، ދަތުރުކުރާ ދުރުމިން ބަލަން ބޭނުންކުރާ މީޓަރު ނިޒާމު ތައާރަފްނުކޮށް ކާރު އިތުރުކުރިޔަސް ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
ޑްރައިވަރުންގެ ޖަމިއްޔާިއން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ މީޓަރު ތައާރަފްކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ސާވޭއެއް ހަދާފައިވާ ކަމަށެވެ. މާލެ ސަރަހައްދަށް އެންމެ ފީސިބުލް ގޮތަކީ މީޓަރު ހަރުކުރުން ކަމަށާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާނުކޮށް ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފްކޮށްގެން ވާނީ ފެއިލް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް އެންމެ ފީސިބުލް ވާނީ ޓެކްސީ މީޓަރު ތައާރަފްކުރުން. ޓެކްސީ މީޓަރު ތައާރަފްނުކޮށް، އިތުރުކުރެވޭ ކާރަކުން، އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމްކޮށް، އަޅުގަނޑުމެންނަށް ދަތިކޮށްގެން މި މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ނާންނާނެ،" ނިޔާޒް ވިދާޅުވި އެވެ.