ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށަނީ
މިހާރު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 3:18
ރާއްޖޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހުޅުވައިދެއްވި މެޑިކަލް ސެންޓަރުން ސިއްހީ އާއްމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާއްމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ.
އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ގާއިމްކޮށްފައިވާ އެ ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކާއި ކުޑަކުދިންގެ ހެލްތު ކްލިނިކް އަދި ވެލްނެސް ކްލިނިކް ވަނީ ގާއިމްކޮށްފަ އެވެ. އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.