މުސާރަ ބޮޑުވި، ޝަކުވާ އަކީ އިމެއް ނެތި ނެގި އޯޓީ ހިފެހެއްޓުމުން!

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 9:05

ދައުލަތުގައި މުހިންމު މަސައްކަތްތަކެއް ކުރާ އެ އިދާރާގެ ބައެއް މުވައްޒަފުން ޝަކުވާކުރީ އެ މީހުންނަށް މި މަހުން ފެށިގެން އެވްރެޖުކޮށް މުސާރައިން 10،000ރ. ދަށްވާތީ އެވެ. ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖައާކޮށް، މި މަހުން ފެށިގެން މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާ ވަނިކޮށް ހަގީގަތުގައި އެހެން ވެގެން ނުވާނެ އެވެ. އެއީ ސީރިއަސް މައްސަލައެކެވެ. އެހެންވެ، ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލަ ވަކިން ބަލައި، ހިސާބުތައް ހެދި އެވެ.

އެނގުނީ އެ އިދާރާ އިން އިތުރު ގަޑި ފައިސާ ދިނުމުގައި ދާދި ފަހުން ގެނެސްފައި އޮތް ބަދަލަކާ ހެދި އިމެއް ނެތި ލިބެމުން ދިޔަ އިތުރު ގަޑީގެ ފައިސާ މަދުވަނީ ކަމެވެ. އިތުރު ގަޑި ގުނަން ފަށާ ވަގުތު ގިނަ ކޮށްގެން ޑިއުޓީ އަދާކުރަން ފެށުމުން އޯވަޓައިމް ނުވަތަ އިތުރު ގަޑީގެ ފައިސާގެ އަދަދު ގިނަވާ ގޮތަށް އޮތީ އުސޫލު ބަދަލުކޮށްފަ އެވެ. އެ ގޮތަށް ހެދުމުން އިތުރު ގަޑީގެ ފައިސާގެ ދެ ގުނަ ބައެއް މުވައްޒަފުންނަށް ލިބެމުން އައި ކަމަށް ވެ އެވެ. މާނައަކީ އޯވަޓައިމްގެ ފައިސާ ލިމިޓެއް ނެތުމެވެ. އެންމެ ގިނައިން އޯޓީ ނަގާ ތަނަށް އެ މުއައްސަސާ އޮތީ ބަދަލުވެފަ އެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް މި މަހުން ފެށިގެން ބޮޑު ކުރިއެރުމެއް ލިބޭއިރު، އިތުރުގަޑީގެ މަސައްކަތު ވަގުތުގެ މައްސަލަ ބޮޑުކަން ޕޭ ކޮމިޝަނަށް ވެސް އޮތީ ފާހަގަކުރެވިފަ އެވެ. ބައެއް އޮފީސްތަކުން އިތުރު ގަޑި ހިމަނައިގެން މުސާރަތައް ހިސާބު ކުރުމުން "ނެގެޓިވް" ނަތީޖާއެއް ނުކުންނާނެ ކަމަށް އެ ކޮމިޝަނުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މައުޟޫޢުތަށް