ވިލިމާލެ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ފިޔަވަޅު އަޅާނެ: ފުލުހުން
މިހާރު
22 ނޮވެމްބަރު 2025 | ހޮނިހިރު | 3:25
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފި އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ، ވީމ،ާ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.