އިއްބެގެ ގޯލުން ނިއު ބަލިކޮށް އޮޑި ދެވަނައަށް ޖެހިލައިފި
މިހާރު
22 ނޮވެމްބަރު 2025 | ހޮނިހިރު | 11:45
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ކާމިޔާބު ކޮށްދިން ލަނޑުން އޮޑި ސްޕޯޓްސް ކްލަބުން 1-0 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.
މިއީ ނިއު އަލުން މި ސީޒަންގައި އެއްވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ އިރު، އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މިއާ އެކު ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ޗެމްޕިއަން މާޒިޔާ އެވެ. ނިއު އާއި އޮޑި ވެސް ވަނީ އެއް މެޗުން ބަލިވެފަ އެވެ. އޮޑި ބަލިވީ މި ނިމުނު އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި މާޒިޔާ އަތުން މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގަ އެވެ.
ލީގު ތާވަލްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެގެން، 24 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އޮޑި ދެވަނައަށް ޖެހިލީ 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި 17 ޕޮއިންޓް ލިބިފައިވާ ނިއު ވަނީ ތިންވަނައަށް ވެއްޓިފަ އެވެ.