ރަސްމީގަޑީގެ މަސައްކަތްތައް ނުރަސްމީ ގަޑީގައި ކުރެވޭނެ ގޮތް ހަދައިފި
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 12:25
ރަސްމީގަޑީގެ މަސައްކަތްތައް ނުރަސްމީގަޑީގައި ކުރެވޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު އިސްލާހު ގެނެސްފައިވާތީ، ބޭނުންވާ އޮފީސްތަކަށް މިހާރު އެ އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ "ފްލެކްސިބްލް ވޯކިން ޓައިމް" ހަމަޖެއްސީ ބައެއް އޮފީސްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުން ބައެއް މުވައްޒަފުންނަށް ރަސްމީގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނޯންނާތީ ކަމަށެވެ.
"މިސާލަކަށް މެއިންޓަނެންސްގެ މަސައްކަތް ކުރާ މުވައްޒަފުން. އެ މީހުންނަށް ގިނަ މަސައްކަތްތައް ކުރެވޭނީ އޮފީހުން މުވައްޒަފުން ނުކުތުމަށް ފަހު. މެއިންޓަނެންސް މަސައްކަތް ކުރާ މީހުން ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން އޮފީހުގައި އިނދެފައި އޭގެ ފަހުން އޯވަޓައިމް ނަގަންޖެހޭ ހާލަތްތަކެއް މި އަންނަނީ. އެއީ އެންމެ އެފިޝަންޓް ގޮތަކަށް ނުވެދާނެ،" އޮފިޝަލް ވިދާޅުވި އެވެ.