އީޒްއެޕަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދަނީ
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 3:44
އޮންލައިން ވިޔަފާރިތަކާއި ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކާ ގުޅުވައިދޭ "އީޒްއެޕް" އެޕްލިކޭޝަންގައި ފައިސާ ދެއްކުމަށް އެމްފައިސާ ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްއިން އީޒްއެޕާއެކު މިއަދު ސޮއިކުރި ޕާޓްނާޝިޕްގެ ދަށުން އެ އެޕަށް އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން ފައިސާ ދެއްކޭނެ އެވެ. އީޒްއެޕަކީ ކާބޯތަކެއްޗާއި ޓެކްސީ އާއި އެކި ހިދުމަތްތައް ދޭ ސާވިސް ޕްރޮވައިޑަރުން ގުޅުވައިދޭ މޮބައިލް އެޕެކެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ މަގްސަދަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އީޒްއެޕާއެކު ޕާޓްނާޝިޕް ހެދީ އެމްފައިސާ މެދުވެރިކޮށް އަވަސް އަދި ރައްކާތެރިކަމާއެކު އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށާއި އަދި އެ އެއްބަސްވުމަކީ އީޖާދީ އުފެއްދުންތައް މެދުވެރިކޮށް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރަން ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.