ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ ވިލިމާލޭގައި އުޅޭ މީހުންނަށް: ރައީސް
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 12:44
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ އެ ރަށުގައި ދިރިއުޅޭ އަދި ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން ފްލެޓް އަޅަން ބީއެމްއެލް އަށް ސަރުކާރުން ވަނީ ހިލޭ ބިން ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަޅަން ދޫކުރި ބިން ވެސް ހިމެނެ އެވެ.
ވިލިމާލެ އަށް ވަޑައިގެން އެ އަވަށުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވައުދަކީ 500 ހައުސިން ޔުނިޓް އެޅުން ކަމަށް ވިޔަސް ޖާގަ އޮތީ 300 ޔުނިޓަށް ކަމަށް ރައީސް ވިދާޅުވި އެވެ.